ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، ހުކުރު ހޮނިހިރު ދެ ދުވަހުވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށާއި، ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން، ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވާ އިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހަމަމިއާއެކު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ފަރެސްމާތޮޑާއަށެވެ. އެގޮތުން އެރަށަށް 48.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މެޓުން ވަނީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.