މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.
މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެޗްޑީސީން ބުނީ ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ.
އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ގޮތުގައި، މި އައު ބަނދަރު 11 ނޮވެންބަރު 2027 ގެ ނިޔަލަށް އެއްކޮށް ނިންމާ، ފުރިހަމައަށް އޮޕަރޭޝަނަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.
އެ މަޝްރޫޢުގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ އޮޕަރޭޝަން ތިލަފުށްޓަށް ބަދަލުކުރެވޭނެއެވެ. ބާކީ 20 އިންސައްތަ ޚިދުމަތްތައް ދޭނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުންނެވެ. މިހާރު މާލޭ ބަނދަރުން މުދާ ހުސްކުރަން 7 ދުވަސް ހޭދަވާއިރު، ތިލަފުށީ ބަނދަރުން 48 ގަޑިއިރު ތެރޭގައި މުދާ ހުސްކުރެވޭނެއެވެ. މީގެ ސަބަބުން މުދަލުގެ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ. އަލަށް ތަރައްގީކުރާ މުޅި އެ ބަނދަރު ހިންގުމަށް ހަމަޖެހިފައިވަނީ ޒަމާނީ، ފުރިހަމައަށް ޑިޖިޓަލްކުރެވިފައިވާ ޕޯޓް މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުންނެވެ.