އިދިކޮޅު ޕާޓީތަކުން ވެރިކަމަށް ނުކުންނަން ތިބީ، މީގެ ކުރިން ވެރިކަން ދިނުމުން ފެއިލްވެފައިވާ ބޭފުޅުން ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކީ ހިތްހަމަޖެހުމާއި، އަމާންކަމާއި ރައްކާތެރިކަމާ އެކީގައި ނިދާލެވޭނެކަމުގެ ޔަގީންކަން އޮތް ރައްޔިތަކަށް ހަދައިދިނުމަށްޓަކައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކަމަރު ބަންނަން ޖެހޭކަމަށެވެ.

މީގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެ މަސައްކަތް މިހާރު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2028 ގެ އިންތިހާބު ކާމިޔާބުކުރުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ވެރިކަމަށް ނުކުންނަން ތިބީ މީގެ ކުރިން ވެރިކަން ދިނުމުން ފެއިލްވެފައިވާ ބޭފުޅުން ކަމަށާއި، އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ދިނުމުން ގައުމަށް ވީގޮތް ރައްޔިތުންނަށް ފެންނަން އެބައޮތްކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްއާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް މާލޭގައި ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މަންދޫބުންނާއެކު ބާއްވާ މި ކޮންގްރެސްއަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ޓީމު އެކުލަވައިލާނެ މަދު ހިއްސާއެއް ކަމަށެވެ.

ޕީއެންސީން ބާއްވާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު، އެންމެ ބިޔަ ކޮންގްރެސް. ބަޔަކަށް ހަޖަމުވިޔަސް، ނުވިޔަސް އަޅުގަނޑުމެން މިކަން ކުރާނީ މި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް."

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޕީއެންސީގެ އިންތިހާބުތަކާއި ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބަލަން ބޭނުންވާ ގޮތަކަށް ނޫންކަމަށާއި، އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިންކަމަށެވެ.

ޕީއެންސީއަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް ނިންމިކަން ރިޕޯޓު ކުރުމާ އެކު، އެކަން ދިފާއުކޮށް ޕީއެންސީން ބަޔާނެއް ވެސް އާންމު ކޮށްފައިވާއިރު، އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަށް ފާޑުކިޔާ ފަރާތްތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ނޭނގޭ ކަމަށެވެ.

މީގެ އިތުރުން، ގާނޫނުގައި އޮންނަނީ ޕީއެންސީގައި އަމަލުކުރާނެ ގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަންވާނެ ކަމަށް ކަމަށާއި، ޕީއެންސީން މަސައްކަތް ކުރަނީ އެ އުސޫލުގެ ތެރެއިންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމަމިއާއެކު އަބްދުއްރަހީމް ވަނީ، މިހާރުވެސް ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން، އަދި އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުން ކަނޑައަޅައި ނިމިފައިވާކަން ހާމަކުރައްވާފަ އެވެ.