އީރާނާއި އޮމާން ގުޅިގެން ހުރުމުޒް ކަނޑުއޮޅީގައި އާ ޝިޕިން ރޫޓެއް ކަނޑައެޅުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެވެ.
ބަޣާއީ އިއްޔެ ވިދާޅުވި ގޮތުގައި އީރާނާއި އޮމާނުން މިހާރު ވަނީ ހުރުމުޒު ކަނޑުގެ ކޯޑިނޭޓްތަކާމެދު އެއްބަސްވެފައެވެ. އެގޮތުން އެކަމާ ގުޅޭ ގުޅިފައިވާ ބަޔާނެއް އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބަޣާއީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް ހަމައެކަނި ބައިލޭޓަރަލް އެއްބަސްވުމަކުން ނުފުދޭނެ ކަމަށާއި، މުޅި ސަލާމަތާއި ރައްކާތެރިކަން އަދިވެސް ބަރޯސާވެފައި ވަނީ ސަރަހައްދީ ހާލަތާއި ކަނޑުގެ ސަރަހައްދަށް އަސަރު ކުރާ އެމެރިކާގެ އަމަލުތަކުގެ މައްޗަށް ކަމަށެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީ ވިދާޅުވި ގޮތުގައި، މިއީ ވަގުތީ ގޮތުން ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތަކަށް ހަމަޖައްސާ އިންތިޒާމެކެވެ. މިގޮތުން މި އިންތިޒާމުގެ ދަށުން، މިހާރު ބޭނުންކުރަމުން އަންނަ އުތުރުގެ މަގާއި ދެކުނުގެ މަގު އެއްކޮށްލައި، އެއް މަގަކަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އޮމާނުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާނުން ވަނީ ގަލްފުގެ ގައުމުތަކުގެ ތާއީދާއެކު، މަޖުބޫރު ފީއެއް ނެގުމުގެ ބަދަލުގައި އަމިއްލަ އިހުތިޔާރުގައި ފީ ދެއްކޭނެ ނިޒާމެއް ހުށަހަޅާފައެވެ.