ރަޝިއާގެ ޑްރޯން ފެކްޓްރީއެއްގެ ވެރިޔާ ވްލަޑިމިރް ޓްކަޗުކްގެ ކާރު ގޮއްވާލައި އޭނާ ޒަހަމްކޮށްލައިފި އެވެ.
ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްކަޗުކްގެ ކާރުގައި އެއްޗެއް ގޮއްވާލާފައި ވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. މި ހާދިސާ ހިނގާފައި ވަނީ މޮސްކޯގެ އިރުމަތިން 1,400 ކިލޯމީޓަރު ދުރުގައި އޮންނަ އެކަޓެރިންބާގް ކައިރީގައި އޮންނަ ބޮލްޝޯއި އިސްޓޮކްގަ އެވެ.
މި ހާދިސާގައި ޓްކަޗުކަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު ދަނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބޮމުގެ ހަމަލާގައި ކާރު ދުއްވަން އިން ޑްރައިވަރު ވަނީ މަރުވެފަ އެވެ. ރަޝިއާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓްކަޗުކްގެ މާސިޑީޒްގެ ޗެސިސް އަނދާ ހުލިވެފައިވާ މަންޒަރު ފެނެއެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ.
އެ ގޮވުމާ ބެހޭ އިތުރު ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެއްވެސް ފަރާތަކުން އެ ހަމަލާގެ ޒިންމާ ނަގާފައިވާ ކަމެއްވެސް އެނގިފައެއް ނުވެއެވެ.
ޓްކަޗުކް ހުންނަވަނީ ރަޝިއާގެ އަސްކަރިއްޔާއަށް އެފްޕީވީ ޑްރޯން އުފައްދާ އުރަލްޑްރޯންޒަވޮޑް ފެކްޓްރީގެ ވެރިއެއްގެ މަގާމުގައެވެ. އޭނާ ވަނީ އިންޖިނިއަރުންގެ ޓީމެއް އައްޔަންކޮށް، އެފްޕީވީ ޑްރޯން ތަރައްގީކޮށް އުފެއްދުމުގެ މަސައްކަތް ކޮށްފައެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ފެށިފަހުން، ރަޝިއާގެ އިސް އަސްކަރީ އޮފިޝަލުންނަށް އަމާޒުކޮށްދޭ ބޮމުގެ ހަމަލާތަކުގެ ފަހަތުގައިވަނީ ޔޫކްރެއިން ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ޔޫކްރެއިންއަށް ހަމަލާ ދިނުމަށްފަހު ރަޝިއާގައި އުފެދުނު އަމިއްލަ ޑްރޯން އުފައްދާ ކުންފުނިތަކުގެ ތެރޭގައި އުރަލްޑްރޮންޒާވޯޑް ހިމެނެ އެވެ. އެ މީހުން އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ޔޫކްރެއިންގައި ރަޝިޔާ ސިފައިން ބޭނުންކުރާ 3ޑީ ޕްރިންޓްކޮށްފައިވާ އަގުހެޔޮ ފަސްޓް ޕާސަން ވިއު (އެފްޕީވީ) ކަމިކޭޒް ޑްރޯން އުފެއްދުމަށެވެ. 2024 ވަނަ އަހަރު ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އެ ފެކްޓްރީއަށް ޒިޔާރަތް ކުރައްވާފައެވެ. ރަޝިޔާގެ ހަނގުރާމައަށް ތާއީދު ކުރާތީ ހުޅަނގުގެ ސަރުކާރުތަކުން ވަނީ އެ ކުންފުންޏަށްދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ޑްރޯން ކުންފުނީގެ އިސްވެރިއެއްގެ އިތުރުން، ޓްކަޗުކް އަކީ 500،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ޓެލެގްރާމް ޗެނަލް "އޮބްސެސްޑް ވިތު ވޯ" ގެ ފައުންޑަރެވެ. އެ ޗެނަލް ބޭނުންކޮށްގެން ފްރަންޓްލައިންގައި ހަނގުރާމަކުރާ ރަޝިއާ ސިފައިންނަށް ފައިސާ ހޯދުމާއި އަސްކަރީ ސާމާނު ހޯދުމުގެ މަސައްކަތްކުރެއެވެ.
ރަޝިއާގެ ޑްރޯން ފެކްޓަރީއެއްގެ އިސްވެރިޔާގެ ކާރު ގޮއްވާލައިގެން އޭނާ ޒަހަމްކޮށްލާފައިވާއިރު، މި ހަމަލާ ދިނުމުގެ ކުރިން މޮސްކޯގެ ރެސްޓޯރެންޓެއްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި ބަޔަކު ވަނީ މަރުވެފައެވެ. ރަޝިއާއިން ވަނީ އެކަމުގެ ތުހުމަތުވެސް ޔޫކްރެއިނަށް ކޮށްފައެވެ.