ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ދޯނީގެ ކައްޕި އާއި، މީހުން ސަލާމަތްކުރުމުގައި އުޅުނު ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކަށް ރާޅު އަރައި ދިޔަވާތީ، އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.
މި ހާދިސާގައި ދޯނީގެ ކައްޕީގެ އިތުރުން ދެން ގެއްލިފައިވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ފުލުހަކާއި ސިފައިންގެ މީހެކެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެ ދޯނި ދަތުރުކުރަމުން ދިޔައީ ހިލަޔާއި ހިލަވެލި ބަރުކޮށްގެންނެވެ.