2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މިކަމުގެ ޔަގީންކަން ދެއްވީ އއ. އުކުޅަހުގައި މިރޭ ބޭއްވި ޕީއެންސީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅުދައްވަމުންނެވެ.

ރައީސް ވިދާޅުވީ، އިގްތިސޯދީ ދާއިރާއިންނާއި، އިޖުތިމާއީ ދާއިރާއިން އަދި އުމްރާނީ ތަރައްގީގެ ހުރިހާ ދާއިރާ އަކަށް ބެލިކަމުގައި ވީނަމަވެސް، ސަރުކާރުގެ ޕްލޭނާއި ޕްރޮގުރާމްތައް ބަރާބަރަށް ތަންފީޒު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، މި އަހަރުގެ ބާކީ އޮތް މަސްތަކުގަޔާއި، އަންނަ އަހަރު ޖުމްލަކޮށް އެކުއެކީގައި، އަދި 2028 ގެ ދެވަނަ ކުއާޓަރާ ހިސާބަށް ދާންވާ އިރަށް ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

2028ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާންވާ އިރަށް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދެން، އަޅުގަނޑުމެންގެ މި ވައުދުތަކާ އެކީގައި މި ޕްލޭނަ އެކީގައި ރައްޔިތުންނަށް އަޅުގަނޑުވި ވައުދުތައް ފުއްދުމުގަ ފުރިހަމަ ކާމިޔާބީ އިރާދަކުރެއްވިއްޔާ ހާސިލް ކުރާނަމޭ، އެއީ ޔަގީންކަމެކޭ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މަޝްރޫއުތަކުގެ ތަފްސީލުތައް ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ އެކި އެކި ވުޒާރާތަކާ ކުންފުނިތަކުން ހާމަކުރަމުންދާނެ ކަމަށެވެ.

2028 އަށް ހުރިހާ މަޝްރޫއުތަކެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ، މި ސަރުކާރުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ފައިސާ ނެތް ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައި ވަނިކޮށެވެ.