އއ. އުކުޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މައްސައްކަތް މި އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުކުޅަހުގައި މިރޭ ބޭއްވި ޕީއެންސީގެ ޖަހަގަ ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ، އެރަށުގެ އެންމެ މުހިއްމު އެއް ކަމަކީ ގެސްޓްހައުސް ވިޔަފާރި ކަމަށާއި، ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތްތައް ކުރަމުންދާ ބައެއް މީހުންނަށް ބައްދަލު ކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަކީ ލޯކަލް ޓޫރިޒަމްގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން ކުރިންވެސް ފާހަގަކޮށްފައިވާ، އެ ރަށަށްވެސް އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔައްތަ ކުރުމުގެ މަޝްރޫއު މި ދަތުރުގައި ރަސްމީކޮށް، ފެށޭތޯ މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދަނީ ހަމަ އެފަދައިން ކަމަށެވެ.
އެގޮތުން އުކުޅަހުގައި ބޯހިޔާވެހިކަމުގެ މަޝްރޫއު ފެށިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެއީ ރައީސްގެ ވައުދުފުޅެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ހާއްސަކޮށް ޒުވާނުން ބޯހިޔާވެހިކަމުގެ ފުރުސަތުތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ނިމިދިޔަ 2 އަހަރާ 9 މަސް ދުވަހުގެ ތެރޭގައި އިގްތިސޯދީ އަނދަވަޅެއްގެ ތެރެއިން ނަގާ ކޮޅަށް ޖަހަމުން، ބޯހިޔާވެހިކަމުގެ ވައުދު ފުއްދުމުގެ ކަން ކަންވެސް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ދައިރާއަކުން ވެސް ވައުދުތައް ފުއްދުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނީ، ހާލަތު ރަނގަޅުކުރުމާ އެކީ، އިގްތިސޯދުގައި ބުންވަރު ޖައްސައި، ބުންވަރު އިތުރަށް ވަރުގަދަ ކޮށްދީ، އިގްތިސޯދު އިތުރަށް ފުޅާ ކޮށްދީ، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދީ، ޒުވާނުން އިގްތިސޯދީ ގޮތުން ބާރުވެރި ކޮށްދިނުމާއި، އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރި ކޮށްދިނުމާ އެކީގައި ކަމަށެވެ.