ކުދި ޖަޒީރާ ގައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުވުން ބޭއްވީ، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްދިޔަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-ސާއީސް) ސިމްޕޯޒިއަމް 2026 ނިމުމުގެ ރަސްމިއްޔާތާއި އިންޓޮސާއީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް 2026 ހުޅުވުމުގެ ރަސްމިއްޔާތަށްފަހުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ޖަވާބުދާރީވުމާއި، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ހެޔޮ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ވައުދުތައްކަން ތަކުރާރުކުރައްވާފައެވެ. އަދި ގައިރުގާނޫނީ އަމަލުތައް ހުއްޓުވުމާއި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގާނޫނީ ގޮތުންނާއި މުއައްސަސާތަކަށް ގެންނަވަމުންދާ އިސްލާހުތަކަށް އަލިއަޅުއްވާލައްވައި، މިކަންކަމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ ތާއީދު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން 'މޯލްޑިވްސް 2.0' ގެ ތަސައްވުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހިއްސާކުރައްވާފައިވާ އިރު، އެސްޓޯނިއާގެ ޑިޖިޓަލް ގަވަނަންސް މޮޑެލް ފަދަ، ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ އަލީގައި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއް އެކުލަވާލަމުންދާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމަމިއާއެކު ޒިޔާރަތްކުރެއްވި މަންދޫބުންނާއި ބައިނަލްއަގްވާމީ މަންދޫބުން ވަނީ، މި ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ރާއްޖެއިން ދެއްކި ލީޑަޝިޕަށާއި، ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގްވާމީ މަންސަތަކުގައި ހިމާޔަތް ކުރުމުގައި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީއާއި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފަ އެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަކީ، ދައުލަތް ޒިންމާދާރުކުރުވުމުގެ ނިޒާމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަމާއި ސިޔާސީ ވިސްނުން އަންގައިދޭ ކަމެއްކަން، މަންދޫބުން ހާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
އއ. އުކުޅަހުގައި ކާމިޔާބުކަމާއެކު ސަމިޓްގެ ކަންކަން ކުރިއަށްގެންގޮސް، ބައިނަލްއަގްވާމީ މަންދޫބުންނަށް ދިވެހިންގެ ސަގާފަތާއި މެހެމާންދާރީގެ ހަގީގީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި، ރައީސް ވަނީ އޮޑިޓަރު ޖެނެރަލަށާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ ޓީމަށް ތައުރީފުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީއާއި، އިންޓޮސާއީގެ ޗެއާގެ މަންދޫބު، މަނާލް މުހައްމަދު ހައިރީއާއި، އައި.ޑީ.އައިގެ ޑިރެކްޓަރު ޖެނެރަލް، އައިނާ ގޮރިއްހްސަން އާއި، ޔޫންޑޭސާ (ޔޫ.އެން.ޑީ.އީ.އެސް.އޭ) ގެ މަންދޫބު އަރަންޒާޒޫ ގީޔެން މޮންޓެރޯގެ އިތުރުން، ސިޑްސް ސަރަހައްދުގެ ގައުމުތަކުން ޒިޔާރަތްކުރި ސިޑްސް-ސާއީސްގެ އިސްވެރިން ބައިވެރިވި އެވެ.