ޞައްހަ މައުލޫމާތުގެ އަލީގައި ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ނުވަތަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުގެ އޮޑިޓް އިދާރާތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް، އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމަށާއި، އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމްޢިއްޔާ "އިންޓޯސައި"އިން ބާއްވާ އައިޑީއައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއެކު ތަރައްޤީ އާއި ކުރިއެރުން ހޯދުމަށްޓަކާ އޮޑިޓް އިދާރާތަކުގެ ދައުރު ވަރަށް ފުޅާކަމަށެވެ.

އެ ދައުރު ފުރިހަމައަށް އަދާކުރުމަށް "އިންޓޯސައި"އިން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭކަމަށާއި "އައިޑީއައި" މެދުވެރިކޮށް ހިންގާފައިވާ ޕްރޮގްރާމްތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކުގެ ޤާބިލްކަން އެތައް ގުނައެއް އިތުރުވާކަން ފާހަގަކުރައްވަމުން މިއަދު ފަށާ، އައިޑީއައި ގްލޯބަލް ސަމިޓްގެ ސަބަބުން އޮޑިޓް އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

ނިޔާޒީ ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާއަށް އަލިއަޅުވާލައްވާފައެވެ. އަދި އެ މަހާސިންތާގެ އަލީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުމާއި، މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެޓުފައިވާކަން ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި، ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ވަސީލަތުގެ ދަތިކަމާއި، ކުރިއެރުމަށް އޮންނަ ޕްރެޝަރާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާން ޖެހޭކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަހާސިންތާއަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އޮފީސްތައްވަނީ ބައިވެރިވެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުވާ މިންވަރު ބެލުމަށާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އޮޑިޓް އޮފީސްތަކުގެ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާއެވެ.

ހަމައެއާއެކު އައިޑީއައި ގްލޯބަލް ސަމިޓްގެ ތެރެއިން ބޮޑެތި އޮޑިޓް އޮފީސްތަކުގެ އެހީތެރިކަމާއެކު ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އޮފީސްތައް އިތުރަށް ތަރައްޤީކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިއަށް އޮތް ދެދުވަހު މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.