ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، މިހާރުން މިހާރަށްވެސް ކަރަންޓުގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު އަޕްގްރޭޑްތަކެއް ހުރި ކަމަށެވެ.

ޑރ. އަޒުވަރު ވިދާޅުވީ މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް އެޑްރެސްކުރުމަށް ހައި-ސްޕީޑް ޖެންސެޓުތަކެއް ގެނެސްގެން ކަރަންޓު ފޯރުކޮށްދިން ކަމަށެވެ.

ނަމަވެސް، ކުރިއަށްއޮތް އަހަރާއި 2028 ގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ޕްލޭން ކުރެވިފައި ވަނީ މީޑިއަމް-ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރުމަށްކަމަށް ޑރ. އަޒުވަރު ވިދާޅުވި އެވެ.

ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގެ މިހާރުގެ އިންޖީނުގެއާ އިންވެގެން، 70 މެގަވޮޓްގެ އާ އިންޖީނުގެއެއްގެ މަސައްކަތް ފެށޭނެ އެވެ.

މި މަޝްރޫ ނިމުމުން ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެން ދާނެއެވެ. އަދި މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ އިންޖީނުގެއާ އިންވެގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިން ސަރުކާރުން 100 މެގަވޮޓުގެ ކެޕޭސިޓީއަކަށް ތަރައްގީކުރަން ނިންމި މަޝްރޫއެކެވެ. ނަމަވެސް އިތުރުވަމުންދާ ޑިމާންޑަށް ބަލައި، ސަރުކާރުން ވަނީ މި ޕްރޮޖެކްޓް އިތުރު 100 މެގަވޮޓާއެކު ޖުމްލަ 200 މެގަވޮޓުގެ ބޮޑު މަޝްރޫއަކަށް ބަދަލުކޮށް، އެ މަޝްރޫ ގުޅިފަޅުގައި ތަރައްގީކުރުމަށް ނިންމާފަ އެވެ.