އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެެވެ.
މިއަދު މި މަޝްރޫއު ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫއުގެ ދަށުން، އުކުޅަހުގައި ތިން ކޮޓަރީގެ 50 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަވާލުކޮށްފަވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށްވީ އިރު، މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ އެއް އަހަރާ 7 މަސް ދުވަހުގެ މުއްދަތެކެވެ.
ރައީސް ވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހު އުކުޅަހަށް ވަޑައިގެން އުކުޅަހުގެ ރައްޔިތުންނަށް އެންމެ މުހިއްމީ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުން ކަން ފާހަގަކުރައްވާ އުކުޅަހުގެ ލޭންޑްޔޫސް ޕްލޭން ފާސްކުރާނީ 250 ގޯތި ދެވޭ ގޮތަށް އިސްލާހު ކުރުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ.
ހަމަމިއާއެކު، ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެކި ފިޔަވަހިތަކަށް ބަހާލައިގެން އުކުޅަހުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.