ރާއްޖެއަށް ބޭސް ގެނައުމުގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް، ސްޓޭޓްފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާއެކު މަސައްކަތް ފަށައިފި އެވެ.

ސްޓޭޓްފާމާއިން އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނިކާގެ މަންދޫބުންނާއެކު މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ސްޓޭޓްފާމާއިން އިން ބުނި ގޮތުގައި، އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުމެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ދެ ފަރާތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ސްޓޭޓްފާމާއިން ބުނެ އެވެ.

ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ފާހަގަކޮށް ސްޓޭޓްފާމާއިން ވަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަންމަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ.

ހަމަމިއާއެކު އެސްޓްރަޒެނިކާއަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކަށްވާއިރު، މި ފެށުނު މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައިވެސް ސްޓޭޓްފާމާއިން ފާހަގަކުރެ އެވެ.

ސްޓޭޓްފާމާއިން ރާއްޖޭއަށް ބޭނުންވާ ބޭސްތަކުގެ ސްޓޮކް ހިފެހެއްޓުމަށް، ބޭސް ބޭނުންވާ މިންވަރު އަންދާޒާކޮށް ދުރާލާ ބޭސް ސްޓޮކް ބެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާއިރު، މުޅި ރާއްޖެއިން ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ރައްކާކޮށްފައި ބެހެއްޓޭނެ ގުދަންތައް ހެދުމުގެ މަސައްކަތްވެސް ސްޓޭޓްފާމާއިން ދަނީ ކުރަމުންނެވެ.