ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެދިއްޖެއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުުރުވުމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެންއައިސީން ބުނީ ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކެއް ކަމަށާއި، އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނާޅައި ޤާނޫނު ތަންފީޒު ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށާއި ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި އެ މައްސަލަ ބަލައިދިނުމަށް އެދި އެންއައިސީއަށް ކޮންމެ މީހަކަށްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ، ޤާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި، އެފަދަ މައްސަލައެއް ފާހަގަވާނަމަ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް އެންއައިސީން ވަނީ އެދިފައެވެ.
މީގެ އިތުރުން އެންްއައިސީން ވަނީ ތަންފީޒީ އިދާރާތަކުން އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޤާނޫނީ އިމުގެ ތެރެއިން އަދާކުރުމުގައި ދެމިތިބުމަށްވެސް އިލްތިމާސް ކޮށްފައެވެ.