ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖެމެއިކާ އަށް ނިސްބަތްވާ މީހަކު ގެނައި ކޮކެއިން ބުލެޓުތަކަކާ ހަވާލުވާން ދިޔަ 2 ދިވެހިން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން ނަމަކަށް ކިޔާ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ 19 ޖުލައި 2026 ވަނަ ދުވަހު ރާއްޖެ އައުމުން ކަސްޓަމްސް އިން ހުއްޓުވައި، ލަގެޖާއި ހަށިގަނޑު ސްކޭން ކުރުމުން ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާ ކަމަށް ބެލެވިގެން ސުވާލުކުރުމުން، ހަށިގަނޑުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނެފައިވާތީއެވެ.
ކަސްޓަމްސް އިން އެ މީހާ ފުލުހުންނާ ހަވާލުކުރުމުން، ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައެވެ.
އެ އޮޕަރޭޝަންގެ ތެރެއިން، އޭނާގެ ނަމުގައި ބުކް ކޮށްފައިވާ ބީޗް ގްރާންޑް އެންޑް ސްޕާ ޕްރިމިއަމް ހޮޓެލަށް އޭނާ ގެންދެވުނެވެ.
"ގޮޑްވިން އެފްރިކަން" ޖަހާފައިވާ ބޭރު ނަންބަރަކުން ވަޓްސްއެޕް މެދުވެރިކޮށް ދެކެވުނު ވާހަކަތަކުން، 33 ބުލެޓް ބޭރުވުމުން ވަކި މީހަކާ ހަވާލުކުރުމަށާއި ބާކީ ބުލެޓުތައް އެހެން މީހަކު އައުމުން އޭނާއާ ހަވާލުކުރުމަށް އިރުޝާދު ދީފައިވެއެވެ.
އެގޮތުން އެ 33 ބުލެޓާ ހަވާލުވާން ދިވެހި ދެ ފިރިހެނަކު ދިއުމުން، އެ ތަކެއްޗާ ހަވާލުވި ނ. ޅޮހި/ ނޯރައިޓްގެ، އިބްރާހީމް އަތޫފާއި އެ ވަގުތު އެ ތަނުގައި ހުރި އަނެއް މީހާވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ފޮރުވައިގެން އެތެރެކުރި ތަކެތި ކޮކެއިނަށް ޕޮޒިޓިވް ވެފައިވާ އިރު، ބަރުދަނުގައި 990.8 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި ޖެމެއިކާ ރައްޔިތެއް ކަމަށްވާ ކޯބިންގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.