މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާލޭގެ ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ.

އެމްޕީއެލް އިން ރަސްފަންނުގައި ހެދި ފާޚާނާބަރި ނިންމައި، ހަވާލުކޮށްފި
އެމްޕީއެލް އިން ރަސްފަންނުގައި ހެދި ފާޚާނާބަރި ނިންމައި، ހަވާލުކޮށްފި

ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ފާޚާނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު މުޢީންއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ފާޚާނާބަރިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިސްމާޢީލް ޙަމީދުއެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އެދިވަޑައިގަތުމަކަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެއް ކަމަށެވެ. އެގޮތުން އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ ފާޚާނާބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ދެ ފާޚާނާއާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާޚާނާބަރި ހަދާފައި ވަނީ ވީލްޗެއަރގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަންކަމުގައި ބައިވެރިވުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.