މައުލޫމާތު އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، ނިޔާވެފައިވާ 700 އަށް ވުރެެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނެއްހާ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
އެންސްޕާގެ އިޖުތިމާއީ އެހީތެރިކަމާ ގުޅުން ހުރި ޕްރޮގްރާމުތަކުން ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުންނާއި އިޖުތިމާއީ އެހީތެރިކަމަށް އެދޭ މީހުންނަށް މާލީ އެހީފޯރުކޮށްދެއެވެ.
ޝިރުނާ ވިދާޅުވީ އެންސްޕާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލާފައިވާތީ މޮނިޓަރިންގެ މަސައްކަތްތައް އޮތީ "ބޮއްސުންލާފައި" ކަމަށެވެ.
ޝިރުނާ ވިދާޅުވީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު ކަމަކީ މޮނިޓަރިން މަސައްކަތް ކަމަށް ވިޔަސް 2020 ގައި އެ ސެކްޝަން އުވާލުމާއެކު، އެކަން ހުއްޓިފައިވާ ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ޝިރުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ނިޔާވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް ޝިރުނާ ވަނީ ވިދާޅުވެފައެވެ.
މިއީ ކިހާ ބޮޑު ގެއްލުމެއް ކަން ފާހަގަކުރައްވާ އަލުން އެ ސެކްޝަންގެ މަސައްކަތް އިޔާދަކޮށް، ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނަކަން ޝިރުނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޝިރުނާ ވިދާޅުވީ މޮނިޓަރިން ސެކްޝަން އުވާލުމުން އެ މަސައްކަތް ހުއްޓި، ބޮޑު ގެއްލުމެއް ލިބިފައިވިޔަސް އަލުން އެ ސެކްޝަނުގެ މަސައްކަތްތައް ފަށައި، އެ ފައިސާ ދޫކުރެވެނީ އެންމެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންސްޕާގެ އިޖުތިމާއީ އެހީތެރިކަމާ ގުޅުން ހުރި ޕްރޮގްރާމުތަކުގައި 15،000 އެއްހާ މީހުން ރަޖިސްޓަރީވެފައި ވެއެވެ.