ކިހާދޫގެ މަރުކަޒު ގާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން ފަށާފައިވާ ހާއްސަ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ މަސައްކަތެއްކަން ފާހަގަކުރައްވާ އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒު ގާއިމް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތް އަޅައިދެއްވާނެ ކަމަށް ވިދާޅުވެ ފެނަކަ ކޯޕަރޭޝަންއާ ހަވާޅުކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބައެއް ސާމާޏު ގެނެވިފައިވީ ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ، މި މަސައްކަތް ނިންމާލެވޭނީ ކޮން ތާރީހެއްގައިތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ބ. ކިހާދޫގެ ކުންޏާއި ވަސީލަތް މެނޭޖްކުރާ މަރުކަޒަކީ މިނިސްޓްރީއިން ވޯލްޑް ބޭންކްގެ އެހީގައި ހިންގި މޯލްޑިވެސް އެންވާރަމެންޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން 2008 ވަނަ އަހަރު ގާއިމް ކޮށްދީފައިވާ މަރުކަޒެއް ކަމަށެވެ.
ނަމަވެސް މިތަނަށް ބައެއް ބަދަލު ގެނައުމަށް ކައުންސިލުން ބޭނުންވާތީ އެ ބަދަލާއެކު މަރުކަޒު އަޕްގްރޭޑް ކުރުމަށް ފެނަކަ ކޯޕަރޭޝަންއާއި ހަވާލު ކޮށްފައި ވަނީ 10 މާރިޗް 2025 ގައި ކަން ވަޒީރު ވިދާޅުވިއެވެ. މި ތާރީހުގައި މަސައްކަތް ހަވާލުކޮށްފައި ވީނަމަވެސް މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓަރަށް ގޮންޖެހުން ތަކާއި ކުރިމަތި ވެފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.
އެގޮތުން މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ މެޓީރިއަލް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވުމާއި މަސައްކަތް ކުރުމަށް ބޭނުންވާ ސްކިލްޑް ލޭބާރ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަން ކޮންޓްރެކްޓަރު ފާހަގަކުރެއްވިކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން މި މަރުކަޒުގެ ފާސްކޮށްފައިވާ ލޭއައުޓް ޑިޒައިނަށް ބައެއް ބަދަލު ގެނައުމަށް ކައުންސިލްއިން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކައުންސިލް މި މައްސަލައާއި ގުޅޭ އެއްވެސް މުއާމަލާތެއް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ހިއްސާ ކުރައްވާފައި ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއީ ގުޅިގެން އެ ވުޒާރާއިން ވަނީ ކައުންސިލްއާއި މަޝްވަރާކޮށްފައިކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ ކައުންސިލްއިން ޑިޒައިން ލޭއައުޓްއަށް ބޭނުންވާ ބަދަލު ވުޒާރާއަށް ފޮނުވުމުން ޑިޒައިން މުރާޖާކޮށް އަލުން ފާސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ކޮންޓްރެކްޓަރުގެ އަގަށް ވެސް ބަދަލު އަންނަން އެކަށީގެންވާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެ ރަށަކީ ކުރިން ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމްކޮށް ކުނިމެނޭޖް ކުރުމަށް ބޭނުންވާ އެކުއިޕްމަންޓް އެ ވުޒާރާއިން ފޯރުކޮށްދީފައިވާ ރަށެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފޯރުކޮށްދީފައިވާ އެކުއިޕްމަންޓްގެ ތެރޭގައި ހިމެނެނީ ގްލާސް ބޮޓަލް ކްރަޝާ، ހައިޑްރޯލިކް ހޭޑް ޕެލެޓް ޓްރަކް، ފޯލްޑަބަލް ހޭޑް ޓްރަކް ޓްރޯލީ، ހެވީ ޑިޔުޓީ ސެޓް ޓްރަކް، ވޭސްޓް ވެއިންގް ސްކޭލް، ޕިކަޕް، އެކި ސައިޒްގެ ޑަސްޓް ބިން، ކޭން ކްރަޝާ އަދި އޯޕަން ވިންޑްރީ ކޮންޕޯސްޓް ހެދުމަށް ބޭނުން ކުރާ އާލާތްތަކެވެ.