ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތަކުގައި ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، އެބިންތައް ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. ކައުންސިލްތަކުގެ އިހްތިޞާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށް ހުށަހެޅި އެ އިސްލާހުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް، އެ އިސްލާހުގައި ބުނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ތަންތަން ކައުންސިލްގެ އިހްތިޞާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

މިގޮތުން ސަރުކާރުން ބޭނުންވެއްޖެ ނަމަ، ބިންތައް ކައުންސިލުން ވަކި ކުރެވޭނެ ގޮތް ބަޔާންކޮށް އެ އިސްލާހުގައި ވަނީ އެ މަޝްރޫއުތައް ހިންގަން ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވާނެ ކަމަށް ބުނެފައެވެ.

އަދި އެ ހިސާބުން އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ވެގެންދާނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ މަޝްރޫއުތައް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ ކައުންސިލް ނިސްބަތްވާ ރަށުގެ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބަޔާންކުރެއެވެ.

އެގޮތުން ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކޮށް އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލުތަކުން އަމަލުނުކުރަން އިސްލާހެއް ހުށަހަޅާފައި ވާއިރު، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދީ ހިފެހެއްޓުން ފަދަ ކަންކަން ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމަށް މި ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.