ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށް ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ.ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ޑރ. ޝާހް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޑރ.ޝާހް ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ފޯރުކޮދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އޭރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމަށް ނިންމާފައި އޮތް ކަމަށެވެ.
ެއަދި މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި އޮތުމުން ކުރިން އެސްޓީއޯގެ ބޭހުގެ މައި ގުދަން އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.
ހަމައެހެންމެ އިތުރު ގުދަންތައްވެސް އެކުންފުނިން ބަލަހައްޓަމުންދާކަމަށާއި ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން ހުރިކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ނަމަވެސް މި ވަގުތު މަސައްކަތްތައް ކުރަމުންދަނީ މައި ގުދަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭސް ފޮނުވުމަށް ކަމަށާއި މި މަސައްކަތް ކުންފުންޏަށް ބަދަލުވިފަހުން އަދިއުޅެނީ ޕްލޭނިން ސްޓޭޖްގައި ކަމަށް ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އިތުރުން ސަރުކާރުގެ ބޭސްކުންފުނި ސްޓޭޓްފާމާއިން ދަނީ ރާއްޖެއަށް އެެތެރެކުރާ ބޭހާއި ސްޓްކޮގައި ހުންނަ ބޭސް ދެނެގަތުމުގެ ގޮތުން އެކަމަށް ޚާއްސަ ސިސްޓަމްތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.