އިސްރާއީލުން ޣައްޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދެމުންދާ ހަމަލާތައް، ވަކިން ހާއްސަކޮށް ސިއްހީ ނިޒާމަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އިންސާނީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ.

ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް ލާޒިމުވާ އެންމެހައި އިލްތިޒާމްތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ވެވިފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް ގޮވާލާފައެވެ. އިސްރާއީލުން މި އެއްބަސްވުންތަކާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން، މަސްރަހު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަންވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ގާޒާގެ ރައްޔިތުންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަލުން ގޮވާލިއެވެ. އަދި ގާޒާގެ ހުރިހާ ސަރަހައްދަކަށް އެއްވެސް ހުރަހެއްނެތި، އަވަސްކަމާއެކު އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ސަރުކާރުން އިލްތިމާސްކުރެއެވެ.

ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު އަލުން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރާ މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.