ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް ސަރުކާރުގެ ހިލޭ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މި އަހަރުގެ އޭޕްރީލް މަހު 8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާ އިން މިއަދު ބުނެފި އެވެ.

އެގޮތުން އެންސްޕާއިން މިއަދު ނެރުނު ތަފާސްހިސާބުތަށް ދައްކާގޮތުގައި އެޕްރީލް 2026 އަށް އޭޑީކޭ ހޮސްޕިޓަލްއިން ވަނީ ކަރުންމަތީގެ ބަލިތަކަށް 23 ކޭސް 608،381.00 ރުފިޔާ އެހެނިހެން ބަލީގައި 21 ކޭސް އަކަށް 585،731.60 ރުފިޔާ އަދި ކަށީގެ ބަލިތައް 27 މީހަކަށް 552،961.00 ރުފިޔާ ދޫކޮށްފައެވެ.

އެންސްޕާ އިން ވަނީ އޭޑީކޭ އިން ކާޑިއީވެސްކިއުލާގެ 16 ކޭސްއަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ 12 މީހަކާއި ވިހެއުމާ ގުޅޭ 31 ކޭސްއެއްގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އަންހެނުންގެ ބަލިތަކާއި މައިބަދަ/ނާރުގެ ބަލިތަކާއި ގޭސްޓްރޯއިންޓެސްޓިނަލް އާއި ކުޑަކުދިންގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމު/ ކިޑްނީގެ ބަލިތަކާއި ކެންސަރު ބަލީގެ މީހުންނަށް ވެސް އެހީގެ ފައިސާ ދޫކޮށްފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އެންމެ ގިނައިން އެހީ ދޫކޮށްފައި ވަނީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ކަށީގެ ބައްޔަށް ފަރުވާކުރުމަށް ދޫކޮށްފައިވެ އެވެ. ޓްރީޓޮޕުން ފަރުވާ ހޯދި، އެހެނިހެން ބަލީގެ 51 މީހަކަށް 627،666 ރުފިޔާ އަދި ވިހެއުމާގުޅޭ ކަންކަމަށް 40 މީހަކަށް 605،552 ރުފިޔާ ވަނީ އެންސްޕާ އިން ދޫކޮށްފަ އެވެ.
އެ ހޮސްޕިޓަލުން ވެސް ކަރުންމަތީގެ ބަލިތަކާއި މައިބަދަ އާއި ނާރުގެ ބަލިތަކާއި އަންހެނުންގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތަކާއި ގޭސްޓްރޯއިންޓްސްޓިނަލް ބައްޔަށް މީހުން ފަރުވާ ހޯދާފައިވާއިރު އެކަމަށް ގިނަ އަދަދެއްގެ ފައިސާ އެންސްޕާ އިން ދޫކޮށްފައިވެ އެވެ.