ކަސްޓަމްސްގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް، އެއްވެސް ފަރާތަކުން ޢަމަލުނުކުރެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ކަސްޓަމްސްއިން މިކަމަށް އެދިފައިވަނީ، އެ އިދާރާއިން އަދާކުރާ ގާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ.
އެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލާފާސްކުރުމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށް ބުނެފައެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައިފާސްކުރުމަށް، މިސަރވިސް އާއި ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުންކުރެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި ކަސްޓަމްސްއަށް ލިބޭ މަޢުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް، ފިޒިކަލީ ބަލައިފާސްކުރަންޖެހިއްޖެނަމަ، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތީން، ބަލައިފާސްކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި، ދިވެހި ރައްޔިތުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދިގައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާ، ޤަވާޢިދާއި އުޞޫލުތަކާ އެއްގޮތަށް ކަސްޓަމްސްއިން ކުރަމުން ގެންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.