ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައި ވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ މަޤާމަށް ކަމަށެވެ.

އެގޮތުން މީގެ ކުރިން 12 ފަހަރު މި ލަޤަބު ހޯދާފައިވާ މި އެއަރޕޯޓަށް މި ފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުން ދަމަހައްޓަމުންދާ މަޤާމު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައި ވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026" ގެ މަޤާމަށް ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބަލައިގަތުމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
އެމްއޭސީއެލުން ބުނީ މި ނޮމިނޭޝަންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޤާމު ވަރުގަދަކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ.
ވޯޓު ދެއްވުމަށް:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026
https://www.worldtravelawards.com/vote-for-velana-international-airport-maldives-2026
މާމަހި އެގްޒެކެޓިވް ލައުންޖް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026
https://www.worldtravelawards.com/vote-for-maamahi-executive-lounge-maldives-2026