ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މިހާރު އުޅުއްވަނީ ކުކުޅަށް ވުރެން ބިސް ދޮށިވެގެން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޓޮމް މިފަދައިން ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ހުށަޅުއްވާފައިވާ މޯލްޑްވިސް ޕާލްސް ރެޒިޑެންސް ޕްރޮގްރާމްގެ ނަމުގައި ބިދޭސީނަށް ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމުގެ ސިޔާސަތު ވަގުތުން މެދުކަނޑާލާ އެ ޕޮރޮގްރާމާ ގުޅޭ އެންމެހާ އެއްބަސް ވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލާ އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޓޮމް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ބަޔާނުގައި އެ ކަމާ ގުޅޭ ގާނޫނެއް ފަރުމާ ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވުމުގެ މަރުހަލާ އުޅޭކަން އެނގިލައްވާތީ ކުރީބައިގައި އެވާހަކަތައް ދައްކާ ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަށް ގަރާރެއް ހުށަހެއްޅުވީ ކަމަށް ޓޮމް ވަނީ ތުހުމަތު ކުރައްވާފައެވެ.
މެމްބަރު ޝަމްހީދު ގަރާރު ހުށަހެޅުއްވިއިރު، ރާއްޖޭގޭ ކަނޑުގެ ސަރަހައްދެއް ވިއްކާލި ކަމުގެ ތުހުމަތު އިދިކޮޅުފަރާތްތަކަށް ކުރެއްވެވިކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ، އެއީ ތުހުމަތެއް ނޫން ކަމަށާއި ހަގީގަތުގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލީ ކަމަށެވެ.
ޓޮމް ވިދާޅުވީ، ރާއްޖޭގެ 11 ވަރަކަށް ޕްރޮޕަޓީ ހޯލްޑް ކުރާ ވިޔަފާރި ވެރިޔާ އަތުގައި ރާއްޖޭގެ ރެޒިޑެންސް ވިސާ މިހާރު ވެސް އޮންނާނެ ކަމަށެވެ. އަދި ސޮނެވާ ހަދައިގެން އުޅޭ އިންޑިއާގެ ރައްޔިތު މީހާ އަތުގައި ރާއްޖޭގެ ރެސިޑެންސް ވިސާ ކުރީގެ ސަރުކާރުތަކުގައި ދޫކޮށްފައިވާ ގޮތަށް މިހާރު ވެސް އޮންނާނެ ކަމަށާއި، އެއީ މިހާރު އަލަށް ކުރަން އުޅޭ ކަމެއް ނޫން ކަމަށް ޓޮމް ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މެދު އިރުމަތީގައި އުފެދުނު ހަނގުރާމައަށް ފަހު ރާއްޖޭގެ ފަތުރުވެރިންގެ މާކެޓަށް ފަހި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަން ނުވަތަ އެހެން ދާއިރާއަކަށް ބަދަލު ކުރާ ކަމަށް ވާނަމަ އިންވެސްޓަރުންނަށް ފަހިފުރުސަތުތަކެއް ދިނުމުން އިންވެސްޓްމެންޓަރުން ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.