މިނަށްވުރެން ބޮޑެތި މިސްކިތްތައް ހެދުމަށްވުރެ، ބޭނުންވާ މިންވަރުގެ މިސްކިއްތަށް ހެދުން މާ ރަނގަޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހއ. ހޯރަފުށީގައި ގާއިމު ކުރާ އިސްލާމީ މަރުކަޒާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މޖަރުކަޒެއް ގާއިމު ކުރުމަކީ ސަރުކާރުގެ މުހިންމު ކަންކަން ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަަށް ގެންދެވުމަށް އިރުޝަދު އެ ވުޒާރާއަަށް އިރުޝާދު ދެއްވާފައިކަމަށެވެ.

އެހެން ކަމުން އެ ވުޒާރާއިން މިހާރު އިސްލާމީ މަރުކަޒްތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަލަށް ބިނާ ކުރާ ރައްތަކުގައި އައު ޑިޒައިންތަކެއް ބޭނުން ކުރުމުގެ މަސަކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ ބައެއް ސަބަބެއް ކަމުގައި ވަޒީރު ފާހަގަ ކުރެއްވީ، މިހާތަނަށް ބައެއް ރަށްރަށުގައި ގާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒްތަކަކީ އެ ރަށްވުރެން ބޮޑެތި ތަންތަން ކަމަށެވެ. އެގޮތުން އެ ރައްރަށުގެ ކްލާސްރޫމު ތައްވެސް ބޮޑުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ މިންވަރަށް ގާއިމް ކުރުން ހަރަދުގެ ގޮތުންވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން ވަޒީރު ވިދާޅުވީ، ބޭނުންފުޅުވެލައްވަނީ އެ ރަށަކާ ގުޅޭ، ހަރަދު ކުޑަ ގޮތަކަށް އެ ރަށަކަށް ބޭނުންވާ މިންވަރަށް އެ މަޝްރޫއުތައް ގާއިމު ކުރުން ކަމަށެވެ.

ބައެއް ރަށްރަށުގައި ގާއިމު ކުރެވިފައި ހުރި އިސްލާމީ މަރުކަޒުތަކަކީ ކުރީގެ އެކި ދުވަސްވަރު ގާއިމު ކުރެވިފަ ހުރި މިނަށް ވުރެން ބޮޑެތިތަންތަން ކަމަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ބޭނުންވާ މިންވަރަށް ވުރެން ބޮޑު ތަނެއް ގާއިމު ކުރުމުން އެތަންތަން ބެލެހެއްޓުމުގައި ރައްޔިތުންވެސް ތަކުލީފު އުފަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ތަކުލީފުތައް ނުޖެހޭނެ ގޮތަކަށް އެ ކަންކަން ކުރަން ޖެހޭ ކަމަށާއި، އެހާ ބޮޑެތިތަން ގާއިމު ކުރުމުން އޭގެ ގެއްލުން ރައްޔިތުންނަށް ފޯރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

" މިސާލަކަށް 2000 މީހުން ނުވަތަ 3000 މީހުންނަށް ނަމާދު ކުރެވޭ ވަރަށް ޖާގަ ހަދާފަ އެކަމަކު ނަމާދަށް އެތަނަކަށް އެހާ ގިނަ މީހުންނެއް ނާރާ. އެއްސަފު ނުވަތަ ބައި ސަފު އޮންނަނީ އެހެންމަ އޭގެ އެންމެ މުނާސިބު ގޮތެއްނޫން އެއީކީ. އެހެންވީމަ ބޭނުންވާ މިންވަރުގެ ތަންތަން ހެދުމަކީ ވަރަށް މުހިންމު ކަމެއް. "

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު އިތުރަށް ވިދާޅުވީ، ހޯރަފުށީގައި ބިނާ ކުރުމަށް ނިންމާފައިވާ އިސްލާމީ މަރުކަޒު ކުރަހަން މިހާރު ވަނީ އިއުލާނުކޮށްފައި ކަމަށާއި، ދެމަހެއްހާ ދުވަސް ތެރޭގައި ކުރެހުންތައް ނިމި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.