ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު 2 އެއަރ ސަރވިސް އެގްރީމެންޓް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އަމީން ވިދާޅުވީ، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއަރ ސަރވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ.

މީގެކުރިން އެކި ސަބަބުތަކާ ހުރެ މިކަން ނުކުރެވި އޮތް ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެކަންކަން ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ، އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް މިހާރު މި އަންނަ ޑެސްޓިނޭޝަންތަކުގެ ބޭރުން އިތުރު ޑެސްޓިނޭޝަންތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކީ، ދެ ގައުމެއްގެ މެދުގައި ވިޔަފާރި އުސޫލުން ފްލައިޓުތައް ދަތުރު ކުރުމުގެ އުސޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބިނާވެފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ މައްޗަށް ކަމަށްވާތީ މިފަދަ އެއްބަސްވުންތަކަކީ، ވަރަށް މުހިންމު އެއްބަސްވުންތަކެކެވެ.

އެގޮތުން މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދަތުރުކުރެވޭނީ ބޭރުގެ ކޮން އެއަރލައިންތަކަކަށް ކަމާއި، ލިބެން ހުންނާނީ ކިތައް ސީޓު ކަމާއި ދަތުރު ކުރެވޭނީ ކޮން މާކެޓުތަކަކަށްކަން ކަނޑައެޅެއެވެ. މިގޮތުން މުހިންމު މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން އެ ގައުމުތަކުން ޤަވާއިދުން އެފަދަ އެއްބަސްވުންތައް ފުޅާކުރެއެވެ.