އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ފުޓުބޯޅައާ ބެހޭ މައި އިދާރާ (ފީފާ)ގެ އަމިއްލަ ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެ މުއައްސަސާ ނުކުޅެދިފައިވާ ކަމަށް ފަލަސްޠީން ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ބުނެފިއެވެ.

ފަލަސްޠީންގެ ފުޓްބޯޅައަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފީފާ އިން ލަސްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ތުހުމަތުކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޕީއެފްއޭ އިން ބުނީ، ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ފަލަސްޠީންގެ ފުޓްބޯޅަ އާއިލާއަށް ނިސްބަތްވާ 1,013 އަށްވުރެ ގިނަ ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީންނާއި، އޮފިޝަލުން އަދި އެހެނިހެން މެންބަރުން ޝަހީދުވެފައިވާ ކަމަށެވެ.

އަދި ދަނޑުތަކާއި، ތަމްރީނު ހަދާ މަރުކަޒުތަކާއި، ފުޓްބޯޅައިގެ އަސާސީ ވަސީލަތްތައް ސުންނާފަތިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ފަލަސްޠީންގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ޤާއިމްކޮށްފައިވާ ސެޓްލްމަންޓް ކްލަބްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައިވެސް ފީފާ ނުކުޅެދިފައިވާ ކަމަށް ބުނެ ޕީއެފްއޭ އިން ވަނީ ފާޑުކިޔާފައެވެ. އަދި މިއީ މީގެ 15 އަހަރަށްވުރެ ގިނަ ދުވަސްކުރިން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށާއި މިހާތަނަށްވެސް އެކަމަށް ޙައްލެއް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ޕީއެފްއޭ އިން ވަނީ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހިންގަމުންދާއިރު، އެއްވެސް އެއްޗެއް ނުބުނެ ތިބުމަކީ އެކަމުގައި ބައިވެރިވުން ކަމަށް ބުނެފައެވެ. އަދި ފަލަސްޠީންގެ ފުޓްބޯޅައަށް "އަމަލީ ސިފައެއް ނުގެނެސް ހަމައެކަނި ވަޢުދުތަކެއް ވުމަކަށް ދެން އިތުރަށް ކެތެއް ނުކުރެވޭނެ" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނާ ގުޅިގެން ފީފާގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އޮކްޓޯބަރު 10، 2025 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަނަދޯލޫ އެޖެންސީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ހިންގި މިފަދަ ހަމަލާތަކުގައި 1250 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 4170 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އޮކްޓޯބަރު 8، 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމުގައި މިހާތަނަށް 73،375 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 174,220 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ޣައްޒާގެ އާންމު ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މީގެ އިތުރުން މިއީ އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.