ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން "ދަތީގައި" ނަމުގައި އެމްޑީޕީން މުޒާހަރާ ކުރަން ނިންމާފައި ވާތީ އެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
އޮގަސްޓު މަހުގެ 12 ވާ ބުދަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަން ނިންމާފައިވާކަން އިއުލާނު ކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ެއެގޮތުން ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު ސައީދު މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހަކީ އެމްޑީޕީން "ޓްރިގާ" ވާ ދުވަހެއް ކަމަށާއި އެހެންވީމާ އެ ޕާޓީން މުޒާހަރާކުރަން ޖެހޭ ކަމަށެވެ.
ެެމި ފަހަރު ތަކެތީގެ އަގު ބޮޑުވާ ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސައީދު ވަނީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެފައިވާ މިދުވަސްވަރުގައި ބޭރުގެ ގައުމުތަކުގައި ހުރި ތެލުގެ އަގުތަކާއި ރާއްޖޭގެ އަގުތައް އަޅާ ކިޔާފައެވެ.
ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 16.01ރ. އަށް ކަމަށްވީ ނަމަވެސް ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް ލިބެނީ 40.09ރ. އަށް ކަމަށާއި ދުބާއީގައި 14.07ރ. އަށް ލީޓަރެއް ހުރިއިރު، އިންޑިއާގައި މިވަގުތު ޕެޓްރޯލް ލީޓަރެއް ހުރީ 18.08ރ. އަށް ކަން ވެސް ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ސައީދު ވިދާޅުވީ ކުޑަކުދިންނަށް ދޭ ކިރުދަޅުގެ އަގު ވެސް ބޮޑުވި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އޭގެ އެއް ބްރޭންޑް ކަމަށްވާ ލެކްޓޯޖެން އެންމެ ގިނައިން ރާއްޖެ އެތެރެކުރާ އެމްއެޗްއޭގައި މިވަގުތު 300 ގްރާމްގެ ދަޅެއް 130ރ. އަށް އެބަހުރި ކަމަށާއި
ބީފްގެ އަގު ބޮޑު ކަމަށް ނަޝީދު ވިދާޅުވިއިރު، ތަފާތު ވައްތަރުގެ މަސް ހުންނަ ކަމަށާއި އަދި ކޮލެޓީއާއެކު މަސް ކޮށާފައި ހުންނަ ގޮތުންނާއި އެތެރެކުރާ ގައުމެއްގެ ގޮތުން ވެސް ވެސް އަގު ބޮޑުވުމަކީ ވެދާނެ ކަމެއް ކަމަށެވެ.
މިގޮތުން އާންމުން ގިނައިން ބޭނުންކުރާ ބީފް ވެސް އެފަދަ ބީފްއާ ތަފާތުވާނެ ކަމަށާއި އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ލަނޑު ދޭން ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިޞާދު ރަނގަޅުކުރަން އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރާއިރު އެއިން އެއްވެސް ކަމެއް އެމްޑީޕީން ބަލައިނުގަންނަ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ދިވެހި ފައިސާގެ އަގު ވެއްޓި، ރާއްޖޭގެ ދަރަނި އިތުރުވެފައި ވަނިކޮށް އޭގެ ތެރެއިން ގިނަ ދަރަނިތައް ދެއްކީ ވެސް މި ސަރުކާރުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވާއިރު،އަސާސީ ކާބޯތަކެތީގެ އަގު 8 ޕަސެންޓަށް އުފުލިފައިވާއިރު، އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ގޭހާއި ތެލުގެ ބާވަތްތަކުގެ އަގުވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އިތުރުން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލިފައިވުމަކީ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.