އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް އާއްމު ނުކުރާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ސީއެމްޑީއޭ އިން ބުނީ، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން، އެމްޓީސީސީ ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ 30،000 ރުފިޔާއިން ޖޫރިމަނާކުރީ ކަމަށެވެ. މީގެ އިތުރުން، ސީއެމްޑީއޭ އިން ވަނީ، ކުރިން ބުނި ތާރީހުތަކުގައި މާލީ ހިސާބުތައް ހާމަނުކުރެވި، އެމްޓީސީސީން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށް ވެސް އެދިފައިވާކަން ހާމަކޮށްފަ އެވެ.

އެމްޓީސީސީން އާންމު ކުރަންޖެހޭ މާލީ ތިން ރިޕޯޓެއް އޮތް އިރު އޭގެތެރޭގައި، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބާއި މިދިޔަ އަހަރުގެ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބު ހިމެނޭ ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ. އަދި އޭގެތެރެއިން، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބަކީ އެންމެ ލަސްވެގެން ވެސް މިދިޔަ މާރިޗު 10 ގައި އާންމުކުރަން ޖެހޭ ރިޕޯޓެއް ކަން ފާހަގަކޮށް ސީއެމްޑީއޭ އިން ބުނީ، ކަން އެހެން އޮތް ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސް، ތިންވަނަ ފަހަރަށް އިތުރު ވަގުތަށް އެމްޓީސީސީން އެދުނު ކަމަށެވެ.

އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެއް ކަމުން، ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެ އެވެ.

ހަމަމިއާއެކު، އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރާ ތާރީހު ފަހަނައަޅައި ދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިސާދީ ބޭފުޅުން ފާޅުކުރަމުން އަންނަ އިރު، ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ. އެހެންކަމުން އެ މަޝްރޫއުތައް ހިންގުމުގައާއި އެ މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.