ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.
މި މަޤާމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު" ގެ ދަށުން އައްޔަން ކުރަންޖެހޭ މަޤާމެކެވެ.
މި މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 އެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެ އިސްވެރިއަކީ ޗީފް ސްޓެޓިސްޓީޝަނެވެ.
އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ.