މޯލްޑިވްސް ޓޫރިސަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ރަށެއް ނުއަގުގައި ވިއްކުމަށް މަސައްކަތް ނުކުރާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ވިއްކާލަން އުޅޭކަމަށް ބުނެ ފެތުރުނު ވާހަކަތަކަށް ރައްދުދީ އެމްޓީޑީސީއިން އާންމުކުރި ބަޔާނެއްގައި ބުނީ، އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެމްޓީޑީސީން ބުނީ، ހދ.ނާގޯށި، ގދ.މަގުއްދުވާ، ބ.ކިހަވައްހުރަވަޅީގެ ހެޑްލީޒް ހައްގުތައް ނުވަތަ ހެޑްލީޒްއާ ގުޅުންހުރި އެންމެހާ ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް ނުވަތަ ދޫކުރުމަށް ވެސް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭ އެއްވެސް މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
ހަމަމިއާއެކު އެމްޓީޑީސީން ވަނީ ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށް ބުނެފަ އެވެ.
އެމްޓީޑީސީން މި މައުލޫމާތު ހާމަކޮށްފައިވާ އިރު، ބައެއް މީޑިއާތަކުން އެކުންފުނީގެ ދަށުގައި އޮތް މަގުއްދުވާގައި ހިންގާ އަޔާޑާ ރިސޯޓު ވިއްކާލުމަށްޓަކައި މަސައްކަތް ކުރާކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުޑޫ ވަނީ، މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެމްޓީޑީސީ އަށް ސީޓީއެއްވެސް ފޮނުއްވާފަ އެވެ.