އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން ކުރި އިއުލާނުގައިވާ ގޮތުން މެޖިސްޓްރޭޓުން ހޯދަނީ:

ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު

އޭދަފުށީ މެޖިސްޓްރޭޓް ކޯޓު

ގޮއިދޫ މެޖިސްޓްރޭޓް ކޯޓު

ހިންނަވަރު މެޖިސްޓްރޭޓް ކޯޓު

ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު

މާމިގިލީ މެޖިސްޓްރޭޓް ކޯޓު

ނިލަންދޫ މެޖިސްޓްރޭޓް ކޯޓު

ގައްދޫ މެޖިސްޓްރޭޓް ކޯޓު

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު

މީގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހޯދަން އިއުލާނުކޮށްފައި ވަނީ އިސް މެޖިސްޓްރޭޓުންނެވެ.

މި މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 26,350 ރުފިޔާ ލިބޭއިރު، ލިވިން އެލަވެންސްގެ ގޮތުގައި 12,000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1,650 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެއެވެ.

އެ މަޤާމަށް އެދި ހުށަހަޅާނީ 12 އޮގަސްޓު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ޖޭއެސްސީން ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން (12 އޮގަސްޓު 2026 ވަނަ ދުވަހުގެ 12:00) އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.