ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ޤާއިމްކުރަން، ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ދީފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢޫލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ފެސިލިޓީ ތަރައްޤީކުރަން އެތަނުގެ ކުރެހުންތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.
ޕޯސްޓްމޯޓަމް ސެންޓަރު ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ، ސްކޭންތައްވެސް ހަދަން ބޭނުންވާ ވަސީލަތްތަކާ އެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދެވޭގޮތަށް، ލެވެލް 2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޚިދުމަތަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށް މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މައުލޫމާތު ހިއްސާކުރައްވަމުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ ވަނީ ވިދާޅުވެފައެވެ.
އެ ޔުނިޓު ޤާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ޚިދުމަތާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކްޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލާ، ގެޒެޓްކުރާނެ ކަމަށެވެ.
ހަރުދަނާ ނިޒާމެއްގެ ތެރެއިން އެފަދަ ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެ ޔުނިޓުގެ ސަބަބުން މަގުފަހިވާނެކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.
މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ޔުނިޓު މެދުވެރިކޮށް، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލޭނެ ކަމަށެވެ.
އަދި ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތްދިނުމުގެ މައުލޫމާތު ޤާނޫނެއްގައި ބަޔާންކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.