މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދަތިވެއްޖެ ނަމުގައި މި މަހުގެ 12 ވާ ބުދަ ދުވަހު އެ ޕާޓީން މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ މުޒާހަރާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ސޯޝަލް ސެންޓަރު ކައިރީ ގައި ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
އަދި ވިހާވެސް ގިނަ ރައްޔިތުން އެ މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
އެ މުޒާހަރާއަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އެ މުޒާހަރާ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ސަރުކާރަށް އަޑުއިއްވުމެވެ.
މިގޮތުން ރައްޔިތުންނަށް ދިމާވެފައިވާ މާލީދަތިތަކާ ގުޅިގެން މި ހަރަކާތުގައި ކަންބޮޑުވުން ފާޅުކުރާނެއެވެ.
އަސާސީ ކާބޯތަކެތީގެ އަގު 8 ޕަސެންޓަށް އުފުލިފައިވާއިރު، އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ގޭހާއި ތެލުގެ ބާވަތްތަކުގެ އަގުވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އިތުރުން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލިފައިވުމަކީ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.