ހުޅުމާލެ ފަޅުތެރެއަށް ކުނި އެޅެމުންދާ މައްސަލާގައި ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގެ ކަންބޮޑުވުމާ އެކު ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް އަށް ސިޓީއެއް ފޮނުވައިފި އެވެ.
ކުޑޫ ފޮނުވި ސިޓީގައި ވަނީ، ހުޅުމާލެއިން ކުނި އުނކާލުމުގެ މަސަކަތް ކުރިއަށްދާ އިރު، އޭގެ ތެރެއިން ބައެއް ކުނި ފަޅުތެރެއަށް އެޅި ތިމާވެށި ތަޣަޔަރުވަމުންދާ ކަމުގެ ޝަކުވާތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިުމަތިވެދާނެ ސިއްހީ އަދި އިޖްތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރި ކުރުމަކީ ވެމްކޯގެ ޒިމްކާއެއް ކަމަށް ދެކިލައްވާ ކަމުގައި ކުޑޫ ވިދާޅުވިއެވެ.
އެހެން ކަމުން އެ މައްސަލައާއި ގުޅޭ ގޮތުން އިތުރުތަފްސީލު ހޯދުމަށްޓަކައި ކުޑޫ ވަނީ 7 ސުވާލެއް ކުރައްވައި އެ ސުވާލު ތަކުގެ ޖަވާބު ދެއްވުމަށް އިހުތިރާމާ އެކު އެދިލައްވާފައެވެ.
އޭގެ ތެރެއިން ވެމްކޯ އިން ހުޅުމާލޭގެ ފަޅުތެރެއަށް ކުނި އެޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބާތޯއާއި، ކުނި އުފުލާ އުޅަނދު ފަހަރުން ފަޅުތެރެއަށް ކުނި އެޅެނީ ކޮންފަދަ އިހުމާލަކުން ނުވަތަ ދަތިތަކާ ހުރުމުގެ ސަބަބުންތޯ އަދި ކުނީގެ ސަބަބުން ފަޅު ހަޑިވެ ނުބައި ވަސް ދުވުމުގެ މައްސަލައަށް އޮތް ދައީމީ ހައްލަކީ ކޮބައިތޯ ކުޑޫ ވަނީ ސުވާލު ކުރައްވާފައެވެ.
އެގޮތުން ކުޑޫ ވަނީ، މި ސިޓީއާ އެކު އެ ސަރަހައްދު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ހުށަހެޅިފައިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.