ބިން ހިއްކަނީ ދައުލަތުން ހަރަދުކޮށްގެން ކަމަށްވި ނަމަވެސް، ބިމު ކުލި ދައުލަތަށް ލިބޭނެ ގޮތެއް ނެތް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަދި މިހާރު އަމަލުކުރަމުންދާ ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، ޒަމާނީ ނިޒާމެއްގެ ތެރެއިން ރަށްތަކާއި ފަޅުތައް ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ހުށަހަޅާފަ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖޭގެ ފަޅުތައް ހިއްކައިގެން ތަފާތު ބޭނުންތަކަށް ބޭނުންކުރަމުންދާއިރު، އެފަދަ ތަންތަނާ ބެހޭ ހަރުދަނާ ގާނޫނީ އުސޫލުތަކެއް ވުޖޫދުގައި އޮތުމަކީ ދައުލަތަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފަޅުތައް ހިއްކައިގެން މިހާރުވެސް ވިޔަފާރި އާއި، ސިނާއީ މަސައްކަތްތަކާއި އަދި އުމްރާނީ ތަރައްގީގެ އެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ކަން ފާހަގަކުރައްވާ ދީދީ ވިދާޅުވީ ކަން އެހެން އޮތް އިރު، ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ވަރަށް މުހިންމު ބިލެއް ކަމަށެވެ.

ހަމަމިއާއެކު، މިފަދަ ކަންކަމުގައި ހަރުދަނާ ގާނޫނެއް ނެތުމުގެ ސަބަބުން، ގިނަ ހިޔާލުތަފާތުވުންތަކެއް މީގެ ކުރިން އުފެދިފައިވާ ކަމަށްވެސް ދީދީ ވިދާޅުވި އެވެ. އެގޮތުން ފެރީގެ ނިޒާމު ގާއިމުކުރުމަށާއި އެހެނިހެން ކަންކަމަށް ފަޅުރަށްތައް ދޫކޮށްފައި ހުރި ނަމަވެސް، އެކަންކަން ކުރިއަށްދަނީ އެންމެ އެދެވޭ އުސޫލެއްގެ ތެރެއިން ނޫންކަމަށް ދީދީ ވިދާޅުވިއެވެ.

ވަކި ނިޒާމެއްގެ ތެރެއިން ރާއްޖެ ތަރައްގީވެގެންދާއިރު، ރާއްޖޭގެ މިހިރަ ރަށްތަކާއި ފަޅުތައް، ވަކި އުސޫލެއްގެ ތެރެއިން ވަކި ކަންކަމަކަށް ބޭނުންކުރެވޭ ގޮތަށް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް"

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

ދީދީ ވަނީ، މި ބިލު ގާނޫނަކަށް ވުމުން ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމަށާއި، ސިނާއީ ބޭނުންތަކަށް އަދި ބިން ހިއްކައިގެން މީހުން ދިރިއުޅުމަށް ބޭނުންކުރާނެ ވަކި އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަން ފާހަގަކުރައްވާފަ އެވެ.

ދީދީ އިތުރަށް ވިދާޅުވީ، ބިން ހިއްކުމަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާއިރު، އެ ބިންތަކުން ލިބޭ ކުލި ދައުލަތަށް ނުލިބި، ކައުންސިލްތަކަށް ލިބޭ ގޮތަށް އޮތުމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ދީދީ ދެއްކެވީ ވެހިކަލް ފީގެ މައްސަލަ ކަމަށްވީ އިރު 2023 ވަނަ އަހަރުން ފެށިގެން ވެހިކަލް ފީ ކައުންސިލްތަކަށް ލިބޭއިރު، މަގުތައް ހެދުމާއި މަރާމާތުކުރުމުގެ ބުރަ އުފުލަން ޖެހެނީ ސަރުކާރުންކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.