އާންމުކޮށް އިއުލާނުނުކޮށް ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކަށް މުވައްޒަފުން ނުނެގުމަށް އެ ކުންފުންޏަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ޖަލްސާގައި 56 މެންބަރުންްގެ ވޯޓާއެކުއެވެ.
ފެނަކައިގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައިވަނީ ކުންފުނީގެ އޮޕަރޭޝަންތަށް ފުޅާވެފައިވާ މިންވަރަށްތޯ ބަލައި، ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި 2020 ވަނަ އަހަރަށް ގާއިމްކޮށްފައިވާ ޖުމްލަ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވާ މިންވަރާއި، ކުންފުނީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ވޯކްލޯޑު ބެލުމަށް ފަހު ޖޮބް އެނަލިސިސް ހެދުމަށް ވަނީ އަންގައިފަ އެވެ.
އޭގެ ނަތީޖާއަށް ބަލައި ކުންފުނީގެ ވަޒީފާގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށް ފަހު ނޫނީ ކުންފުންޏަށް އިތުރު މުވައްޒަފުން ނުނަގަން ފެނަކައަށް އެންގުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ފެނަކައިގެ އޮޑިޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އޭސީސީން ތަހުގީގު ކުރުމަށް އެންގުމަށާއި، ފެެނަކަ ރައިޓްސައިޒް ކުރުމަށް ކުރާ މަސައްކަތާ އެކު ކުންފުނީގެ ހަރަދުތަކަށް އައިސްފައިވާ ބަދަލުތައް އަދި އާމްދަނީއަށް އައިސްފައިވާ ކުރިއެރުން، ރިޕޯޓު ފާސްކުރާތާ 6 މަސް ތެރޭ މަޖިލީހަށް އެންގުމަށެވެ.
ފެނަކައިގެ މުވައްޒަފުުންގެ ގަވައިދުގައި، ކުންފުނީގެ މަގާމެއް ހުސްވުމުން އިއުލާނު ކުރުމަކާ ނުލާ މުވައްޒަފުން ނެގޭ ގޮތަށް އޮންނަ އޮތުން އިސްލާހުކުރުމަށް ފެނަކައަށް ވަނީ އަންގާފައެވެ. އެގޮތަށް އިސްލާހު ކުުރުމަށް ފަހު އިސްލާހުކުރި ގަވައިދު ރިޕޯޓު ފާސް ކުރާތާ 3 މަސް ތެރޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރުމަށް ވަނީ އަންގާފައެވެ.
މަޖިލީހުން ވަނީ ފެނަކައަށް މުވައްޒަފުން ނަގާއިރު އިންޓަވިއުކުރުމަށް ފަހު އެކަށީގެންވާ ގާބިލު މީހުން މަގާމުތަކަށް ނެގުމަށާއި، ކުންފުނީގެ އެޗްއާރު އެސްއޯޕީތައް ހަރުދަނާކުރަން އެންގުމަށާއި، ބަދަލު ގެނައި އެސްއޯޕީ މަޖިލީހާ ހިއްސާކުރުމަށް ވެސް އަންގާފައެވެ.