ގަވާއިދާ ހިލާފަށް ހިންގާ 107 ވިޔަފާރިއެއް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބަންދުކޮށްފި އެވެ.

އެ ވުޒާރާއިން ބުނީ، ގަވާއިދާ ހިލާފަށް ހިންގަމުން އައި 107 ވިޔަފާރިއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެވުޒާރާއިން އިސްވެ އޮވެ ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ ވިޔަފާރި ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

އިގްތިސާދީ ވުޒާރާއާއި، ދާހިލީ ވުޒާރާ އާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމަށްވާ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން ޓާސްކް ފޯހުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ފަށާފައިވާއިރު، ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް އޮޕަރޭޝަންގެ ތެރެއިން 447 ވިޔަފާރިއަކާއި ގުޅޭ ޝަކުވާ ލިބިފައިވާ ކަން އިގްތިސާދީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން، އެ ޝަކުވާތަކުގެ ތެރެއިން 247 ތަނެއް ބަލައި ފާސްކޮށް 107 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ވިޔަފާރިތަކުން ގަވާއިދާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމުން 68 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ހަމަމިއާއެކު، އެއްވެސް ވިޔަފާރިއެއް އަލުން ހުޅުވުމުގެ ފުރުސަތު ދޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށާއި، އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފާހަގަވާ ކަންކަން ފުރިހަމަ ކުރުމާއެކު، އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެފައިސާ ދެއްކުމުން ނޫނީ ވިޔަފާރިތަކަށް އަލުން ހުޅުވުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

އެ ވުޒާރާއިން ބުނީ، ޓާސްކް ފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންގައި ވިޔަފާރިތައް ބަންދުކުރަނީ ވިޔަފާރިތައް ރަޖިސްޓްރީނުކޮށް ހިންގުމާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތައް ހިންގަމުންދާތީ ކަމަށެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒު ކުރަމުންދާ ގާނޫނުތަކާއި، ގަވާއިދުތަކާއި ހިލާފުވުމުންވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައްވެސް އަންނަނީ ބަންދު ކުރަމުން ކަމަށް ބުނެ އެވެ.