ހެވީލޯޑް މޯލްޑިވްސްއަށް ތިލަފުށިން ދީފައި އޮތް ބިން އަނބުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން މި ހުކުމް ކޮށްފައިވަނީ، ތިލަފުށިން ހެވީލޯޑަށް ދީފައިވާ 30،000 އަކަފޫޓުގެ ބިމަށް ކަނޑައެޅިފައިވާ ކުލި ނުދައްކައިގެން އެޗްޑީސީން ސިވިލްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ގަޒީއްޔާގައި ވާގޮތުން އެޗްޑީސީން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ހެވީލޯޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ، ވަގުތީގޮތުން ކުއްޔަށް ދީފައިވާ އެ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ބިން އަނބުރާ އެޗްޑީސީއާ ހަވާލު ނުކުރުމުންނެވެ. އަދި އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން، ހެވީލޯޑުން އެޗްޑީސީއަށް ދައްކަންޖެހޭ 4.5 މިލިއަން ރުފިޔާ އާއި ބިން އަނބުރާ އެޗްޑީސީއަށް ހަވާލުކުރާ ދުވަހާ ހަމަޔަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި ފައިސާ 30 ޖުލައި އިން ފެށިގެން ސިވިލްކޯޓަށް މަސްދުވަހުގެ ތެރޭގައި އެއްފަހަރާ ފައިސާ ދައްކައި ދަރަނި ހަލާސްކުރުމަށް ހެވީލޯޑުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ސިވިލްކޯޓުން ހެވީ ލޯޑްގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ އެކުންފުނީގެ ޢައިރު ހާޒިރުގައެވެ.