އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރޭވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ނަމަވެސް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަންކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ގަބޫލުކޮށްގެން ތިބީ އޭރުގައި މަސައްކަތްތައް ހަވާލުކޮށްފައި ހުރި ކޮންޓްރެކްޓްތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނަމަވެސް ހުރިހާ މަސައްކަތެއްވެސް ޖެހުނީ އަލުން ފަށައިގަންނަން ކަމަށާއި ހުރިހާ މަސައްކަތްތަކެއް ވެސް ފަށައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް އެ މަޝްރޫޢުތައް ކުރިއަށްނުގޮސް ހުއްޓިފައިވާކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ މިފަދަ ގޮތަކަށް ހުއްޓިފައިވާ މަޝްރޫއުތައް އަލުން ތަރުތީބުކޮށް ހިނގައިގަތުމުގައި އިދާރީ އަދި ފަންނީ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ މި މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ގިނަ ދުވަސްވެ، ގިނަ ކުންފުނިތަކަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެހެންކަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ދަނީ މިހާރު ފެށިފައިވާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.