ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް، މއ.އެރަލްސީ، އަހްމަދު މަމްދޫހް އައްޔަންކުރައްވައިފި އެވެ.
މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދު އެވެ.
މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ.
މީގެއިތުރުން، މަމްދޫހް މީގެ ކުރިން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.