ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ މިއަދު އައްޔަންކުރައްވައިފި އެވެ.
ދިޔާނާއަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯރސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯރސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވާފަ އެވެ.
ދިޔާނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަގާމުތަކެއް ފުރުއްވާފައިވެ އެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމާއި ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ.