މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.
ޕްރިޒަންސް ކްލަބް އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނެ އާސިފްގެ މައްޗަށް ކަރެކްޝަންސްގެ މުވައްޒަފުން ތުހުމަތުކުރެއެވެ. އެ މައްސަލައިގެ ތުހުމަތުގައި އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އާސިފް ވަޒީފާއިން ވަކިކުރަން ނިންމުމުން އޭނާ ވަނީ އެ ކަމާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.
އެހެންކަމުން އޭނާ އަލުން އެ މަގާމަށް އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރި އެވެ.
ނަމަވެސް، އެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް ކަރެކްޝަނުން ވަނީ ހައި ކޯޓަށް އެ މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެދިފައެވެ.
އާސިފް އޭސީޕީގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ މާލޭ ޖަލު ހިންގުމުގައި އިސްކޮށް، ސުޕްރިޓެންޑެންޓްގެ މަގާމުގައެވެ.