ބ. ކިހާދޫ އާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ވަނީ ކިހާދޫ އާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައިދޭނެކަމަށް ރައީސް ވިދާޅުވެފައި ވީނަމަވެސް، އެއްވެސް މަސައްކަތެއް ނުފެށޭ ކަމަށާއި ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާނީ ކޮން ދުވަހަކުންތޯ މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އެ މަޝްރޫޢުތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫޢުއެއް ކަމަށާއި، ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުޓާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަަށްނުދާތީ ފެނަކައާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ މިހާރު މަސައްކަތް ފަށައިގެން ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށްޓަކައި. އެގޮތުން އަމަލީ މަސައްކަތް 15 ޖުލައި 2025ގައި ވަނީ ފަށާފަ. މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޕަންޕް ސްޓޭޝަންގެ މަސައްކަތްތަކާއި އާރްއޯ ޕްލާންޓުގެ މަސައްކަތާއި ސްޓޯރޭޖް ޓޭންކްގެ މަސައްކަތް. މަޝްރޫޢުގެ %10 މަސައްކަތް ނިންމާފައި. އެއީ ކުރީގެ ކޮންޓްރެކްޓަރުގެ ތެރެއިން ޓާމިނޭޓްކޮށްފައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންިދޔުމުގެ އަދާހަމަ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

މި މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވަނީ 29 ޑިސެންބަރު 2021ގައި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭރު 40 މިލިޔަން ރުފިޔާއަށް ފެނަކައާ ހަވާލުކޮށް މި މަސައްކަތް ފެށުމަށްފަހު، 16 އިންސައްތަ މަސައްކަތް ނިންމުމަށްފަހު މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ.

މި މަސައްކަތް ހުއްޓިފައި އޮތުމުން، މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ފެނަކައާ މަޝްވަރާ ކުރެވުމުކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ފެނަކައިން ބުނެފައިވަނީ ކުރީގެ މެނޭޖެމެންޓްއިން މާ ބޮޑު އަގުގައި ސަބްކޮންޓްރެކްޓް ކުރުމުން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށްޓަކައި ފެނަކައާ ހަވާލުކޮށްފައި އޮތް ނަމަވެސް ފެނަކައަކީ އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏެއްކަން ފާހަގަކުރައްވާފައި ވަޒީރު، ވިދާޅުވީ މަސައްކަތް ހަވާލުކުރުމަށްފަހު ވަގުތުން އެހެން ކުންފުނިތަކާ ހަވާލުކުރިނަމަވެސް އެކަން ކުރުމަށްވެސް ހަވާލުކޮށްފައި އޮތީ ތަޖުރިބާ ނެތް ކުންފުނިތަކަކާ ކަމަށެވެ.