ޖުލައިމަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖުލައި މަހު ރާއްޖެއަށް ވަނީ 184،735 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 46 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ 7 މަސް ދުވަހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބުރުވަރީމަހުގައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވާން ފަށާފައިވަނީ މާރިޗުމަހުން ފެށިގެންނެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ ސަބަބުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5924 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި 22 އިންސައްތަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.