އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
މިރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް، ކޮންގްރެސް ބާއްވާނެ ތާރީހުގެ ގޮތުގައި 19 ސެޕްޓެމްބަރު ކަނޑައެޅުމަށް ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދު ހުށަހެޅުއްވި ގޮތަށް 19 ސެޕްޓެމްބަރުގައި ކޮންގްރެސް ބޭއްވުމަށް ފާސްވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުނެވެ.
ގައުމީ މަޖިލީހުގައި އެ ކަމަށް ބަހުސްކުރިއިރު، ހިޔާލު ތަފާތުވުމެއް އުޅުނު ކަމަކީ މިހާރު އޮތް ގައުމީ މަޖިލީސް ވެސް 25 ސެޕްޓެމްބަރުގައި ހަމަވާތީ، އެ އިންތިހާބަށް ފަހު ކޮންގްރެސް ބާއްވަން ބައެއް މެންބަރުން ބޭނުންވެގެނެވެ.
ނަމަވެސް ކޮންގްރެސް ކުރިން ބޭއްވުމަށް ހުށަހެޅުއްވީ ޕާޓީގެ ހިންގުން ހިމެނޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނައިރު އޭގެ ތެރޭގައި ގައުމީ މަޖިލީހުގެ އެކުލެވުން ވެސް ބަދަލުކުރުން ހިމެނޭތީ ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.