މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއިން ޖުމްލަ 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 59 އިންސައްތަ އިތުރު އަދަދެކެވެ.

މިފްކޯއަށް މަސް ކިރުވި ދޯނީގެ އަދަދު އިތުރުވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް މުޅި ޖުމްލަ 2،474 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހާއި އަޅާބަލާއިރު 335.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މަހު މަސްވެރިންނަށް މުޅި ޖުމްލަ 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 11.3 މިލިޔަން ރުފިޔާއެވެ. މިއީ، 339 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.