އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، މިރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ޗާޓުގައިވާ ގޮތަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ބަދަލާއެކު އިއްޒުއްދީން މަގުން އަމީނީމަގަކަށް މަސައްކަތް ނިމެންގެން ނުނިކުމެވޭނެއެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މިރޭގެ 12ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އަންގާފައެެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަހައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކަމަށް ވީއިރު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ، އަމީނީ މަގުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.