ގަދަހޫނުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ހާޒިރުވާތާ ހަތަރު މަސް ފަހުން، ރަސްމީ ޔުނީފޯމުލުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ދީފި އެވެ.

އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ހޫނު ގަދައެވެ. އެގޮތުން މި އަހަރުގެ އެދުވަސްކޮޅު އިހުސާސް ކުރެވޭ ހޫނުމިން، 40 ޑިގްރީއާ ވެސް ކައިރި ކުރިއެވެ.

އާންމުގޮތެއްގައި ހުރިހާ ސްކޫލްތަކެއްގައި ވެސް ރަސްމީ ޔުނީފޯމުގައި ފިރިހެން ދަރިވަރުން ގަމީހާއި ފަޓުލޫނު ލާން ޖެހޭއިރު އަންހެން ދަރިވަރުން ސްކޫލް ގަމީހާއި ސްކާޓް އަދި ހަރުވާޅުލާން ޖެހެއެވެ.

މީގެ އިތުރުން ދެ ޖިންސުގެ ކުދިން ވެސް ޓައީ އަޅަން ޖެހެއެވެ.

އެހެންކަމުން ހޫނުގަދަ ދުވަސްވަރެއްގައި ރަސްމީ ޔުނިފޯމުގައި ސްކޫލަށް ހާޒިރުވުމަށް ދަރިވަރުންނަށް ދަތިވާނެތީވެ، މިދިޔަ މާރިޗު މަސްތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ދަރިވަރުން ކޮންމެ ދުވަހަކު ވެސް އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ހާޒިރުވުމަށް އަންގާފައެވެ.

ފުރަތަމަ ޓާމުގެ ބަންދަށްފަހު ދަރިވަރުން މިއަދު ސްކޫލަށް ނުކުތީ 16 ދުވަހުގެ ޗުއްޓީއަކަށް ފަހުއެވެ.

ފުރަތަމަ ޓާމުގެ ބަންދަށް ފަހު މިއަދު ސްކޫލުތައް ހުޅުވުނު އިރު، ރަސްމީ ޔުނީފޯމުގައި ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އެހެންކަމުން، ހުރިހާ ސްކޫލެއްގައި ވެސް މިއަދު ދަރިވަރުން ސްކޫލަށް ދިޔައީ ރަސްމީ ޔުނީފޯމުގައެވެ.

އެއާއެކު ދެން އެކްޓިވިޓީ ޔުނީފޯމު ލާން ޖެހޭނީ ސްކޫލުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައެވެ.